ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއަސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާ ފެއަށް ޖެހެވެން ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގެ ކެމްޕެއިންގައި ޏ ފުވައްމުލަކުގައި ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ކޮންމެ ހާލަތެއް އޮތް ކަމުގައި ވިއަސް ވިސްނަންވާނީ ޕާޓީ ވަރުގަދަކޮށް ސިޔާސީ ހަރަކާތްތައް ހިންގާ ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލުކޮށްދިނުމަށް ކަމަށެވެ.
އެހެންކަމުން މިހުރިހާ ކަމަކަށްވެސް ހައްލު ގެނެވޭނީ ޕާޓީގެ މެމްބަރުންނާއި ސަރުކާރާއި ގުޅިގެން ކަމަށާއި ސަރުކާރާ ފެއަށް ޖެހި ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބު ގެއްލި 2028ގެ އިންތިހާބު ހޯދޭނެ ކަމަށް ގަބޫލު ކުރުމަކީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށެވެ. ފައްޔާޒު ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރަން ޕާޓީއިން ކުރިއަށް ގެންދާ ހަރަކާތްތައް ހަރުދަނާ ކޮށް ހިންގަން ޖެހޭ ކަމަށެވެ.
ސިޔާސީ ޕާޓީއަކުން ކުރަން ޖެހޭ މަސައްކަތަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ސަރުކާރާއި މަޝްވަރާކޮށްގެން ހައްލު ހޯދާދިނުން ކަމަށެވެ.
އެމްޑީޕީއަށް ޗެއަރޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިންގައި ދެ ކެނޑިޑޭޓުން ދަނީ ބަހުގެ ގިނަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.