ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 15 ޖޫން ގެ ނިޔަލަށް ނަގަން އަންގައިފިއެވެ.
މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ދަނީ ލިބެމުން ކަމަށެވެ. އަދި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.