މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރަވެޓައިޒޭޝަން އެންޑް ކޯޕްރެޓައިޒޭޝަން ބޯޑުން ވަނީ ރޭގެ ވަގުތެއްގައި ނޫރައިން އިސްތިއުފާއަށް ސިޓީ ހުށަހަޅުއްވާފައވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ޕީސީބީ އިން ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ޕީސީބީ އިން ވަނީ ނޫރައިންގެ އިސްތިއުފާ ސިޓީ ބަލައިގަނެ، އެ މަޤާމުން ނޫރައިން ވަކިކުރިކަން ވެސް އަންގާފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުން ކަމަށްވާ ނޫރައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.
ނިއުޒީލޭންޑުގެ އެންމެ ބޮޑު ޓެކްސް ފާމް ކަމަށްވާ ވިލިއަމް ބަކްގައި މަސައްކަތް ކުރެއްވި ނޫރައިން ވަނީ ނިއުޒިލެންޑްގެ “ސްޓަފް” ނޫހުން ހޮވި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި 2017 އަހަރު ހިމެނިފަ އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު “ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް” ވެސް ހޯއްދެވި އެވެ.