ސެންތާރާ ގްރޭންޑް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ، އައްޑޫ ހިތަދޫއަށް ނިސްބަތް 39 އަހަރުގެ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު 11:05 ހާއިރު އެވެ.
ފުލުހުން ބުނީ ދަނގެތި ހެލްތް ސެންޓަރަށް އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ގެނބުނު ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.