މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން ސްރީލަންކާއަށް ދިއުމުން ދިވެހިންނަށް ހިލޭ 30 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ދާދިފަހުން ސްރީލަންކާގެ ޓޫރިސްޓް ވިސާ ސްކީމަށް ގެނައި ބަދަލުތަކާއި ގުޅިގެންނެވެ.
މިނސްޓްރީން ވަނީ ސްރީލަންކާގައި އީ-ވިސާގެ އާ ނިޒާމެއް އިއުލާނު ކުރުމާ އެކު، ދިވެހި ދަތުރުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައެވެ.
އަދި މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ސްރީލަންކާއަށް އައުމުން ދިވެހިންނަށް ހިލޭ 30 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެ ކަމަށާއި، އަދި 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ތިބޭނަމަ https://www.srilankaevisa.lk/ އޮންލައިން މެދުވެރިކޮށް ހިލޭ 6 މަސް ދުވަހުގެ ވިސާއަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ވިސާއަށް އިދާރީ ފީއެއް ނަގާނެކަަމަށް ވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ މިހާރުވެސް ސްރީލަންކާގައި ތިބި އަދި ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހިންނަށް ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.