މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ 96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ގެންދާނެއެވެ. އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.
ޕްރައިވެޓް ނުވަތަ އަމިއްލަ ސްކޫލްތަކުގައި އެލް.ކ.ޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރެއެވެ. އޭގެ ތެރެއިން 9,000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަޙައްދުގައެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2,250 ދަރިވަރުން އަލަށް ވައްދާފައިވާކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް 2,081 ދަރިވަރުން ވެއްދުމަށް ހުށައަޅާފައިވާކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ. މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1,126 ދަރިވަރުން ބަދަލުވެފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލުވެފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.