މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓްރެވަލް އެންޑް ޓޫރިޒަމްގެ 45 ކުންފުންޏަކާއި 100 މަންދޫބުން އައިޓީބީ ޗައިނާ 2024 ގައި ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުވެއްޖެ އެވެ.
ޗައިނާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 27 އިން 29 އަށް ކުރިއަށް ގެންދާ މި އިވެންޓުގެ “އޮފިޝަލް ޕާޓްނަރު ޑެސްޓިނޭޝަން” އަކީ ރާއްޖެ އެވެ.
އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ބާއްވާ އެންމެ ބޮޑު އެކްސްކްލޫސިވް ޓްރޭޑް ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ. މި ހަރަކާތުގައި ޗައިނާގެ އެންމެ މަތީ ފަންތީގެ ފަރާތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗައިނާގެ އިންޑަސްޓްރީގެ ފަންނުވެރިން އެއްތަނަކަށް ޖަމާކޮށް، ނެޓްވޯކިންގ އިވެންޓްތަކާއެކު، ވިޔަފާރީގެ ފުރުޞަތުތައް އިތުރުކޮށް، އެންމެ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ތަފާތު ޒަމާނީ މެޗްމޭކިންގ ސިސްޓަމެއްތައް ދައްކާލާނެއެވެ.
އެމްއެމްޕީއާރްސީން ވަނީ އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ބައިވެރިވުމަކީ ޗައިނާގެ މާކެޓާއި ޓްރެވަލް ސެކްޓާގެ ތެރޭގައި ރާއްޖެ އޮތް މިންވަރު އިތުރުކުރުމަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އައިޓީބީ ޗައިނާ 2024 ގައި ރާއްޖޭގެ ސްޓޭންޑަކީ ރާއްޖޭގެ މުއްސަނދި ތަރިކަ އާއި ހިތްގައިމު ކުލަތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެއްކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޓްރެވަލް ޓްރޭޑް މަންދޫބުންނާއި ސިނާއަތުގެ އެހެނިހެން ސްޓްރެޓެޖިކް ޕާޓްނަރުންނާއެކު އުފެއްދުންތެރި ވަން އޮން ވަން ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މިދިޔަ އަހަރު ޗައިނާއިން ސީދާ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއެކު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމ މަތިން ޖާގަ އަލުން ހޯދާފައިވާ ޗައިނާ މާކެޓަކީ ރާއްޖޭގެ މައި ސޯސް މާކެޓެވެ. މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ޗައިނާގެ 95،952 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ޖުމްލަ މާކެޓް ހިއްސާގެ 11.2 އިންސައްތައެވެ.