ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމެއްގައި ގަވާއިދާއި ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކެއް ނެގުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގައި އޮންނަ އެ ކުންފުނީގެ އަމިއްލަ ބިމެއް، އެހެން ބަޔަކަށް ކުއްޔަށް ދީފައިވާތީ އެ ބިމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އަދި އެހެނިހެން ތަކެތި ނަގާ އެ ބިން އެ ފަރަތާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އެ ބިމުގައި ހުރި އުޅަނދުތަކުގެ ލިސްޓެއް އާންމުކުރަމުން އެޗްޑީސީއިން ވަނީ އެ އުޅަނދުތަކުގެ ވެރިފަރާތުން ކުންފުނީގެ ކޯލް ސެންޓާ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް ފަހު 15 ދުވަސް ތެރޭގައި އެ ތަކެއްޗެއްގެ ވެރިފަރާތުން އެތަކެތި ނެގުމަށް އަންގާފަ އެވެ.
ހަމައެހެންމެ، އެ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އުޅަނދުތަކާއި ތަކެއްޗާއި މެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.



