ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޓަކައި، ކުދި ޖަޒީރާ ގައުމުތަކަށް ބޭނުން ވަނީ ލުއި ޝަރުތުތަކާ އެކު، އާދަޔާ ހިލާފު ފެންވަރެއްގެ ފައިނޭންސިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި ކުރިއަށްދާ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ގެ ހަތަރުވަނަ ކޮންފެރެންސްގެ މިރޭގެ ސެޝަނުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހަށް ބަލާއިރު ކުދި ޖަޒީރާ ގައުމުތަކަށް ފައިނޭންސް ފޯރުކޮށްދޭ މަސްދަރުތައް ލިބުމުގެ ރޭޓް ހުރީ ދަށް ދުވެއްޔެއްގައި ކަމަށެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ދެން އޮތް ހަރުފަތަށް އަރަން، އަދި އދ. އިން ކަނޑަައަޅައި ދުނިޔެއިން ބަލައިގެންފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޓަކައި، ކުދި ޖަޒީރާ ގައުމުތަކަށް ބޭނުން ވަނީ ލުއި ޝަރުތުތަކާ އެކު، އާދަޔާ ހިލާފު ފެންވަރެއްގެ ފައިނޭންސިންއެއް ކަމަށެވެ.
އަދި ރައްގީވަމުން އަންނަ ލިސްޓަށް ރާއްޖެ ވެސް ގްރެޖުއޭޓް ވުމަށް ފަހު، ދެން ފެންނަނީ މާލީ އެހީތެރިކަން ދިނުމުގައި ހުރަސްތައް އަންނަ ތަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިން ހުރި ޝަރުތުތަކުގެ ފައިދާ ނަގާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގުތިސޯދު މަޑުމަޑުން އަނެއްކާ ވެސް ދަނީ ފަހަތަށް ކަމަށާއި، މޫސުމީ ކާރިސާއާ ގުޅިގެން ނަގަން ޖެހެނީ ދަތި އަދި ވުމަށް ވުރެ ނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވޭ ނިންމުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މަލްޓިލޭޓަރަލް ޑިވެލޮޕިން ބޭންކްސްތަކުގެ ސްޓޭކް ހޯލްޑަރުންނަށް ރައީސް ވަނީ މާލީ ނިޒާމުގައި މިހާރު ހުރި މިންގަނޑުތައް ބަދަލުކޮށް ވީހާވެސް ލުއި ޝަރުތުތަކަކާއެކު ފައިނޭންސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައްވާފަ އެވެ.