ބޯހިޔާވަހިކަމުގެ 21 ހާސް ޔުނިޓް އެޅުމަށް މިހާރުވާނީ އެކިފަރާތްތަކާއެކު ސޮއިކުރެވިފައިކަމަށް ހައުސިން މިނިސްޓަރ ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުއްތަލިބު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ބޭނުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެގޮތުން އެފަދަ މަޝްރޫއުތައް އެކުލަވާލާ އަޅާނެ ތަންތަނާއި އަޅާނެ މިންވަރެއް ކަނޑައަޅާނީ ހައުސިން މިނިސްޓްރީންކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިހާތަނަށް އައިއިރު 21،000 މަޝްރޫއު ހިންގުމަށް ތަފާތު ކޮންޓްރެކްޓަރުންނާއެކު އެމްއޯޔޫތަކުގައި ސޮއިކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން މާލޭ ސަރަހައްދުގައި 20،000 ޔުނިޓް އެޅުމަށް ދެ ފަރާތަކާއި އަދި ބ. އޭދަފުށީގައި އެއްހާސް ޔުނިޓް އެޅުމަށް އެއް ފަރާތަކާއި އެމްއޯޔޫގައި ސޮއި ކުރެވިފައިވާކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މާލޭ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 15،000 ޔުނިޓު އަޅާނީ ރަސްމާލޭގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ އެމްއޯޔޫގައި ސޮއިކޮށް، މިނިސްޓްރީގެ ޓީމެއް ޗައިނާއަށް ގޮސް ޔުނިޓްތައް އަޅާނެގޮތް ބައްލަވާލައްވާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދެން ވަރަށް ހިތްހަމަޖެހޭ މެތަޑަކަށް އެ ވެފައިވަނީ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަސްމާލޭގައި އަޅާ ހައުސިން ޔުނިޓްތަކުގެ މޮޑިއުލާރ ޔުނިޓުތައް ތައްޔާރުކުރެވޭނީ އެކަމަށް ހާއްސަ ފެކްޓަރީއެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ ކޮލިޓީއަށް ވަރަށް ބޮޑަށް ބެލިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.