ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް ބެލެވޭ 1.7 ބިލިއަން ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ -/1،765،704،400ރ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ޤާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.