ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ، ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހްސާން ވަނީ ރާއްޖޭގައި އާންމުކޮށް ޓްރޭޑްކުރުމުގެ ހުއްދަ އޮންނަ ގޮތަށް ރާއްޖޭގައި މިހާރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި މަގުމަތީގައި ކަންމަތީ ފިހާރަ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވެންޖެހޭނެ ކަމަށާއި، އެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހަކުވެސް ތިން ހަތަރު ފަހަރަށް ވިސްނާ ބިރުގަންނަންޖެހޭނެ ކަމަށެވެ.
“އެ ރިސްކަކީ ވެލިޑް ރިސްކަކަށް ހަދަން ޖެހޭނެ ތިބޭފުޅުން… ފުލުހުން..” ފުލުހުންނާއި މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކާ، ބޭނުންކުރާ މީހުންނަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ވެސް ބިރުވެރިކަމެއް ނެތި އެކަމުގެ ފައިދާވާތީކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، އެ މާހައުލު ނައްތާލަން ޖެހޭނެ ކަމަށާޢި، އަދި މި ސަރުކާރު ނިމިގެންދާއިރު ދެން އަންނަ ސަރުކާރަކަށް މި މައްސަލަ ހައްލުނުކޮށް ދޫކޮށްލުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހޭނެކަން ތަކުރާރުކުރައްވާ އެ މަސައްކަތުގެ 90 އިންސައްތަ ހިއްސާވާނީ ދިވެހި ފުލުހުންކަމަށް ވިދާޅުވެފައެވެ.