ލިޔުނީ: އަހުމަދު ޝަބީން
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ, މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެކުލަވައިލައްވައިފައިވާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމީ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމަށްވާ އެމްޑީޕީއާއި, ދަ ޑިމޮކްރެޓްސްގެ މެންބަރުން ގުޅިވަޑައިގެންނެވެ.
އެގޮތުން މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރުހުން ނުދޭން ފާސްކުރީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރަށެވެ.
ނަމަވެސް ހަމަ އެ ދުވަހު ރައީސް ޑރ.މުޢިއްޒު ވަނީ އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރައްވައި, މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފައެވެ.
ރައީސް ޑރ.މުޢިއްޒު މި މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުއްވުމުން 20 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާއަށް މައްސަލަ އެޖެންޑާކުރިއެވެ. އެގޮތުން އެ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލަ ފޮނުއްވިއެވެ.
ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ފާސްކުރީ ތިން މިނިސްޓަރުންނަށް ވެސް ރުހުން ދިނުމަށް ފެންނަ ކަމަށެވެ.
މިއަދު އާންމުކޮށްފައިވާ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މާދަމާ މަޖިލީހުގެ ކޮމިޓީތަކުން ޖަލްސާއަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް ހިމެނެއެވެ.
20 ވަނަ މަޖިލީހުގެ ސްޕަރމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ޕީއެންސީގައި ކަމަށްވާއިރު, މާދަމާގެ ޖަލްސާގައި ތިން މިނިސްޓަރުންނަށް ވެސް ރުހުން ލިބޭނެކަމަށް ބެލެވެއެވެ.