ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފިއެވެ.
އެގޮތުން ޓެގް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުންނެވެ.
ކީ ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކަންޓް އަށެވެ. ޓެގާއި ހަވާލުވާން ދުރުވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ ކޮޕީ ބޭނުންވާނެއެވެ.
ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލު ނުކޮށް މިހާރު ހުރުމުން ބޭނުން މީހަކަށް އެތަނަށް ވަދެވެ އެވެ. އެހެންވެ، ވިނަރެސް ފްލެޓުތަކުގައި ނޫޅޭ ފަރާތްތައް ވެސް އެތަނަށް ވަންނާތީ އެކަމުގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބެމުން ދެއެވެ.
މިއަދު ދޫކުރާ ޓެގްތަކުން އެކްސެސް ކޮންޓްރޯލު ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ވިނަރެސް ޓަވަރުތަކަށް ދެން ވަދެވޭނީ ހަމައެކަނި ކީ ޓެގް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
ވިނަރެސް ފްލެޓު ގަތް އެތައް ބަޔަކު މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު، މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށްބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަންފޯރުކޮށްދެވިފައިވެ އެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.