ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ބުނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވާ ކަމަށާއި މީގެ އިތުރުން ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގުހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ވެސް އެ ކޯޕަރޭޝަނުން އެދެމެވެ.
ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާއްމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވުމާއެކު، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް އެ ކޯޕަރޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން،ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (SITE B2, SITE C) ގައި އަޅާފައި ހުރިކަނޑު އުޅަނދުތައް ވިހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީ އިން ދަނީ ތަކުރާރުކޮށްއިލްތިމާސްކުރަމުންނެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.