ށ. ކަނޑިތީމުގައި އީދު ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފަހު ހަރަކާތެއްގެ ގޮތުގައި ފޯރިގަދަ މަސްރޭހެއް ބާއްވައިފިއެވެ. “ނިލަމެހި މަސްރޭސް 1445” ގެ ނަމުގައި ކުރިއަށް ދިޔަ މި މަސްރޭހުގައި 12 ޓިމު ބައިވެރިވިއެވެ.
ނިލަމެހި މަސް ރޭހަކީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަލްހާއިދު ގައި އެރަށުގައި ކުރިއަށް ގެންދާ ފޯރިގަދަ މަސްރޭހެކެވެ. ކޮން އަހަރަކުވެސް ގިނަ ޓީމުތަކެއް ބައިވެރިވާ މި މަސްރޭސް ނިންމާލަނީ ރަށުގެ ރައްޔިތުންނަށް ބާއްވާ “ފިހުނު މަހާއި ބޮނޑިބަތުގެ” ޖާފަތަކުންނެވެ.
މިއަހަރުގެ މަސް ރޭސް ކުރިއަށް ގެންދިޔައީ އީދުގެ އެންމެ ފަހު ހަރަކާތުގެ ގޮތުގައި، ބުރާސްފަތި ދުވަހުއެވެ. މަސް ރޭހުގައި ބައިވެރިވި ޓީމުތަކުން މަހަށް ފުރީ އިއްޔެގެ ހެނދުނު 7:00 ޖެހިއިރުއެވެ. އަދި ޓީމުތައް އެނބުރި ރަށަށް އައީ މެންދުރު ފަހު 2:00 ޖެހިއިރުއެވެ. ރަށުގެ ގިނަ ޒުވާނުންނާއި މަސްވެރިން ބައިވެރިވި މި މަސްރޭހުގައި ބައިވެރިވި ހުރިހައި ޓީމުތަކުން ޖުމުލަ 430 ކިލޯ މަސް ބޭނިއެވެ.
މިއަހަރުގެ މަސްރޭހުގެ އެއްވަނަ ހޯދީ 235 ކިލޯ މަސް ބޭނި “ފޮނިޔަ” ޓީމެވެ. އަދި މިއީ ނިލަމެހި މަސް ރޭހުގައި މިހާތަނަށް އެންމެ ގިނަ މަސް ބޭނި ޓީމެވެ. 2 ވަނަ ހޯދީ 48 ކިލޯ މަސް ބޭނި “ވާނުވާ” ޓީމެވެ. އަދި 3 ވަނަ ހޯދީ 33 ކިލޯ މަސް ބޭނި “އައުޓްކާސްޓް” ޓީމެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ބަރު މަސް ބޭނީވެސް އައުޓްކާސްޓް އެވެ.
ނިލަމެހި މަސް ރޭސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހްމަދު ސާލިމް ބުނީ މިއީ އީދުގެ މަޖަލާއި އުފަލުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގަނެދާ އިޖްތިމާއީ ހަރަކާތެއް ކަމަށެވެ. އަދި މަސްރޭހައި ގުޅިގެން ބާއްވާ މަސްފިހުމުގެ ހަރަކާތް ކުރިއަށް ދަނީ ރަށުގެ ކުދި ބޮޑު އެންމެން ވެސް ބައިވެރިވާ ހަރަކާތެއްގެ ގޮތުގައެވެ. ސާލިމް އިތުރަށް ހާމަކުރި ގޮތުގައި ކޮންމެ އަހަރަކުވެސް ނިލަމެހި މަސް ރޭހަށް ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.