ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށާއި އަދި ޑިސެމްބަރަށް ހިއްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ގެންދަނީ ބާރު ސްޕީޑްގައި ކުރަމުން ކަމަށެވެ. އަދި އިރާދަކުރެއްވިޔާ މި އަހަރުގެ ތެރޭގައި މިހާރު މަޑުޖެހިފައި އޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާރު މަޑުޖެހިފައިއޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި އަމަލީގޮތުން އަނެއްކާ ފެށޭނެ. މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަވެސް ޕްލޭންކުރި ގޮތަށް އެތަނުގައި 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލު ކުރާނަން.” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅާ މާލެ ސަރަހައްދުގައި ހިއްކަން ޖެހޭ ހުރިހާ ތަންތަނެއް ނިންމައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް ހިއްކުމަށް ވައުދުވެފައިވާ ބިންތައް ހިންގުމުގެ މަސައްކަތް ހިނގާނެ ކަމަށެވެ.
އަދި އިރާދަކުރެއްވިޔާ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކު ގެދޮރު ވެރިކަމުގެ ފުރުސަތު ނުލިބި ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.