ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ. ރާއްޖެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި ދެވަނަ ގައުމަކީ ސްރީލަންކާއެވެ. ރައްޔިތުންނާ ގާތުން ޚިދުމަތްތައް ދިނުމުގެ ސިޔާސަތުގެ ދަށުން މި މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެފައިވާ ގޮތުގައި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މި ޚިދުމަތް ފެށުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެއެވެ. މީގެ ސަބަބުން ކާޑު ހެއްދުމަށް ދިމާވާ ދަތިތައް ކުޑަވެ، ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ލިބިގެންދާނެކަމަށް ޑީއެންއާރުން ފާހަގަކުރައްވައެވެ.
ރާއްޖެއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. ދިވެހީން ގިނައިން ދަތުރުކޮށް އަދި ދިރިއުޅޭ ގައުމުތަކުގައި މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު، އިނގިރޭސިވިލާތުގައިވެސް މި ޚިދުމަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން ދިވެހިން ގިނައިން ދިރިއުޅޭ ހުރިހާ ގައުމެއްގައި މި ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖެއިން ބޭރުގައި ޚިދުމަތް ފުޅާކުރަމުން އަންނަ އިރު، ރާއްޖޭގެ އެތެރޭގައިވެސް ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ނިންމާލާފައިވަނީ ކަނޑައެޅުނު މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.



