ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް އިމާރާތްކުރުމުގައި ހުއްދަ ނުނަގާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ މިހާރަކަށް އައިސް އެ ކޯޕަރޭޝަނުން ހުޅުމާލެއިން ވިއްކާފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ނުވަތަ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތްކުރާއިރު އެޗްޑީސީގެ ގަވައިދުތަކަށް ނުބަލާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، ގޯތި ތެރޭގައި މަސައްކަތްކުރުމާ އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އެޗްޑީސީ އަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އިމާރާތްކުރުމާއި ގުޅޭ އެހެނިހެން ހުއްދަތަށް ވެސް ނަގަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ އިމާރަތް ކުރުމުގެ އުސޫލު އެޗްޑީސީގެ ވެބްސައިޓުން ބެލޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނީ އެޗްޑީސީގެ ގަވައިދާ ހިލާފަށް އަމަލުކުރާ ގޯތިތަކުގެ ވެރިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމުގެ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.



