ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިވަގުތު ނެންވި ފިޔަވަޅަކީ ދަތިނަމަވެސް މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށްޓަކައި މިއަހަރު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގުތިސާދު މިހާލަތަށް ވެއްޓުނީ ނިމިދިޔަ ސަރުކާރުން އިންތިހާއަށް ދަރަނި ނަގާ ފައިސާ ޗާޕު ކުރަމުން ދިއުމުން ކަމަށެވެ.
އަދި އާމުދަނީ އިތުރު ކުރުމަށް އެއްވެސް އިންވެސްޓެއް ނުކޮށް ހަރަދުތައް އިންތިހާއަށް ކުރުމުން ކަމަށް ފަޒުލް ވިދާޅުވިއެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރައްވާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ.
ހަމަމިއާއެކު އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ނިންމާފައިވެއެވެ. އަދި ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައެވެ.
