ހައުސިންގ ޑީވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވަމުންދާތީ އެ ކަމަށް ސަމާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ދައުރުވަމުން އަންނަކަން ރޭގެ ވަގުތެއްގައި ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ ސައްޚަ މެސެޖުތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކަސްޓަމަރުން އެފަދަ މެސެޖުތަކަށް ސަމާލުވެ ތިބުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
ޕޭމަންޓު ރިސީޕްޓްތަކަށް ރޭ ދިމާވި މި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ ކުންފުނިން ކަސްޓަމަރުންނާއި ގުޅޭ ގޮތުން މީސް މީޑިޔާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެހެންކަމުން އެކޯޕަރެޝަނުގެ ނަމުގައި ލިބޭ ފޭކު މެސެޖުތައް ކަސްޓަމަރުން ކުރިޔަށް އޮތްތަނުގައިވެސް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.



