ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިިއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ “އެކްސް”ގައި ވިދާޅުވީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަދި އާ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަހުމީވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ހިދުމަތުންވެސް ވަނީ މިއަދު ހެނދުނު 6:12 ހާއިރު ސްޓެލްކޯގެ ކޭބަލެއް ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ ކޭބަލްތައް ބުރިކޮށް ވަގަށް ނެގުން އިތުރުވެފައިވާއިރު، އެކަން އެގޮތަށް ނުކުރުމަށް އެ ކުންފުނިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މިފަހުން ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފައިވެސް ވެއެވެ.