ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ބިލްޑިންގ ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ޑިވެލޮޕަރުން ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ކޮމާޝަލް ބިލްޑިންގ ތަރައްޤީކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން އީއޯއައި ހުށަހެޅުމަށް ޕްރޮޕޯސަރުންނަށް ދައުވަތު ފޮނުވާކަމަށް ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ބިޒްނަސް މޮޑެލްއަކީ ބިން ވިއްކުމުގެ މޮޑެލް ކަމަށާއި، ކޮމާޝަލް ބިލްޑިން ތަރައްގީކޮށް ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ޑިވެލޮޕަރު ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
އަދި އެޗްޑީސީއަށް އެއް ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮޕޯސަލް ލިބިއްޖެނަމަ އެ ކޯޕަރޭޝަންގެ ވިސްނުމާއި ސްޓްރެޓެޖިކް މަގްސަދުތަކާއި މާސްޓަރޕްލޭނަށް އެންމެ އެކަށޭނެ އީއޯއައިއަށް ފުރުސަތު ދޭނެކަމަށް އެޗްޑީސީން ބުނެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބިން ވިއްކުމުގެ ރޭޓާއި، ފައިސާ ދައްކާނެ ގޮތްތަކާއި އަދި މާލީ ހާލަތަށް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނަށް އެއްވެސް ހުށަހެޅުމެއް ބަލައިގަތުމާއި ބަލައިނުގަތުމާއި އީއޯއެލް ޕްރޮސެސް ބާތިލުކޮށް، ކޮންމެ ވަގުތެއްގައި ވެސް ހުރިހާ ޕްރޮޕޯސަލްތަކެއް ރިޖެކްޓް ކުރުމުގެ އިހްތިޔާރު ލިބިގެންވާކަމަށާއި، އަދި ބާތިލްކޮށްފިނަމަ ހުރިހާ ޕްރޮޕޯސަރުންނަށް އެކަން އަންގާނެކަމަށް ބުނެފައެވެ.
އެހެންކަމުން އިއުލާނުގައިވާ “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމް” ފުރިހަމަކޮށް ލިޔުން ސެޓް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އަދި ވިއްކުމަށް ހުށަހަޅާފައިވާ ރޭޓް (އަކަފޫޓަކަށް ރުފިޔާ) އާއި ފައިސާ ދެއްކުމުގެ މުއްދަތު (ހަ މަހަށް ވުރެ ދިގު ނުވާާގޮތަށް) ހުށަހެޅުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.



