ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަބުދުއްރަޙީމް މިހެން ވިދާޅުވީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ޝާހިދު އެހެން ވިދާޅުވީ ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރެއްވުމާއި ގުޅިގެންނެެވެ.
ޝާހިދަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓް ކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ވެސް އެހެންވެ ކަމަށެވެ. ނަމަވެސް މި ސަރުކާރަކީ ރައްޔިތުންގެ އިޙްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
“ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައި ދޭނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން،” އަބްދުއްރަހީމް ވިދާޅުވި އެވެ.
ކައުންސިލަރުން އަދަދު މަދުކުރުމާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.



