ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންނަށް މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ރަތްދޫލަ އާއި ބޮޑުބެރުގެ މަރުހަބާއެއް ކިޔައިފިއެވެ.
މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ހަފްލާގައި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން ކަމަށާއި، ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ، ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ފަހުމީ ވަނީ ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ . އެހެންކަމުން އަޅުގަނޑުމެން މި ދޭ ޚިދުމަތުގަ، ރައްޔިތުންނަށް މި ދޭ ޚިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް”، ފަހުމީ ވިދާޅުވިއެވެ
ފަހުމީގެ ވާހަކަފުޅުގައ ވަނީ ސްޓެލްކޯގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ 16 މުވައްޒަފުންގެ ތެރޭގައި ސްޓެލްކޯގައި މިހާރު ވެސް މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާއި ރިޓަޔާ ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ.