“ދެންމެ” ނަމުގައި އާންމު ިއޖުތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓް ބްލޮކް ކުރަން ހުށަހެޅުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެމްއެމްސީ އިން މިއަދު އާންމުކުރި އިއުލާނުގައި ވަނީ “ދެންމެ” ނަމުގައި ހިންގާ ވެބްސައިޓާއި ގުޅޭގޮތުން އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް ބުނެފައެވެ. އަދި އެ ކައުންސިލުން ބެލި ބެލުމުން އެއީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އެމްއެމްސީން މިދިޔަ އަހަރުވެސް ވަނީ މިފަދަ ޝަކުވާތަކެއް ލިބުމާއި ގުޅިގެން މި މައްސަލަ ބަލާފައެވެ. އަދި ނޫހުގެ ވެރިފަރާތުގެ މައުލޫމާތު އެނގޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާންކޮށް، އާންމުންގެ ފަރާތުން ބައެއް ނަންތައް ލިބުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ ދުވަސްވަރު އެ ނޫހުން އެފަދަ ލިޔުންތައް ޝާއިއުކުރުން މެދުކެނޑުނު ނަމަވެސް، މިހާރު އަނެއްކާވެސް އެފަދަ ގިނަ ލިޔުންތައް ޝާއިއުކޮށް މުޖުތަމައު ތެރޭގައި ދައުރުކުރަމުންދާތީ، އެމްއެމްސީން ވަނީ ދެވަނަ ފަހަރަށް މި މައްސަލަ ބަލަން ނިންމާފައެވެ.
އެމްއެމްސީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި “ދެންމެ” ވެބްސައިޓްގައި ބޭ އަދަބީ ބަސްތައް ބޭނުންކޮށް، އިންސާނީ ކަރާމާތަށް އުނިކަން އަންނަ ގިނަ ހަބަރުތަކެއް ވަނީ ޝާއިއުކޮށްފައެވެ.
އެހެންކަމުން އެ ކައުންސިލުން އެކަން ތަކުރާރު ނުކުރުމަށް އިންޒާރު ދީފައި ވަނިކޮށް ވެސް ތަކުރާރުކޮށް އެކަން ކުރަމުންދާތީ “ދެންމެ” ވެބްސައިޓް ބްލޮކްކުރަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެ ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.