ކަރަންޓު ބިލްތައް މިމަހުވެސް ބޮޑުވި ގެތަކުގެ މައްސަލަތައް ބަލައި ޚާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިމަހު މާލެ ސަރަޙައްދުގެ ގޭބިސީތަކުގެ ތެރެއިން %94 ގޭގެ ބިލް، މިދިޔަ މަހަށްވުރެ ކުޑަވެފައިވާކަމަށް ސްޓްލްކޯއިން ވަނީ ބުނެފައެވެ. މާލެ ސަރަޙައްދުގެ ގޭބިސީތަކުގެ އަދަދު 60 ހާހަށް އަރައެވެ.
ކަރަންޓު ބިލްތައް ބޮޑުވާ މައްސަލައިގައި މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މާލޭގެ %6 ގޭބިސީގެ ބިލްތައް މިމަހު، މިދިޔަ މަހަށްވުރެ ބޮޑުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އަދި މިދިޔަ މަހަށްވުރެ ހުޅުމާލޭގައި ބިލްތައް %15 ގޭބިސީގައި ބޮޑުވެފައިވާ ކަމަށެވެ.
ބިލްތައް ބޮޑުވާން ދިމާވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީކަމަށް ސްޓެލްކޯއިން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ފަހުމީ ވިދާޅުވީ ރީޑިންނެގުމާއި ބިލްތައް ހެދުމުގެ އެވެސް މަރުހަލާއެއްގައި ސްޓެލްކޯއިން އޮޅުވާލާފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
އެހެންކަމުން ސްޓެލްކޯއިން މިހާރު ނިންމާފައިވަނީ، ބިލްތައް ތިރިނުވެ މިދިޔަ މަހަށްވުރެ މިމަހު ބިލްތައް ބޮޑުވި ގޭބިސީތަކަށް ގޮސްގެން ހުރި މައްސަލަތައް ދެނެގަތުމަށްކަމަށް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ގެތަކަށްވެސް ސްޓެލްކޯގެ މުވައްޒަފުން ގޮސް، އެ ތަންތަނުގެ ކަރަންޓު ނެޓްވަރކް އާއި ކަރަންޓުން ބޭނުންކުރާ ސާމާނުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ ބިލްތައް ބޮޑުވާ ސަބަބުން ރައްޔިތުން ފަސޭހައިން ބުނެދީ، އެކަން ޙައްލު ކުރެވޭނެ ގޮތްތައް އޮޅުންފިލުވައިދިނުމަށްކަމަށް ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.




މިގޭ ބިލް 4000 ގައި ހުރެފާ، ކުއްލިއަކަށް 5،900 އަށް. ޢަދި މި ބޮޑުވީ ގެ ތަޚުލާފަ، 15 ދުވަހު އެންމެން ރަށަކަށް ދިޔަ މަހު! ދެން ޖެހުނު މަހު ވެސް 5400 އަށް! ދެން މިބުނަނީ މިހާރު ބިލް ތިރިވިއްޔޭ! ދުވަހަކު މިގޭ ބިލް 4000، 4200 މިއަށް ވުރެން ކުރީގެ އެއްވެސް ސަރުކާރެއްގައި ބޮޑެއްނުވޭ!