ރަޖިސްޓްރީ ކުރުމެއް ނެތި، މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދުއްވާ ވެހިކަލްތައް ގަވައިދަށް ފައްތަން ވަކި މުއްދަތެއް ދީ އެ އުޅަނދުތައް ވަކި މުއްދަތެއް ވަންދެން ޕާކް ކުރެވޭނެ ވަގުތީ ބިމެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އެކަމާއި ގުޅިގެން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވަނީ ގާނޫނާ ޚިލާފަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެފައި އޮތީ ގާނޫނާ ޚިލާފަށް ކަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށް ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތެއް ވަންދެން އެފަދަ ގޮތަކަށް ގަވައިދާ ހިލާފަށް އުޅެފައިވާތީ ވަގުތުން ވަގުތަށް އަޅާ ފިޔަވަޅުން ނަތީޖާ ނެރެވެން ނެތުމުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް ވަގުތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން މިނިސްޓްރީއައި އެޗްޑީސީ މަޝްވަރާތަކެއް ކުރީކަމަށް އަމީން ވިދާޅުވި އެވެ.
އެގޮތުން، އެފަދައިން ހުރި ވެހިކަލްތައް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި މި ބިމަކީ ޓޯ ނުކޮށް، އެ ވެހިކަލްތައް ގަވާއިދަށް ފެއްޓުމަށް ހަ މަސް ދުވަހު ވަގުތީ ގޮތުން ބަހައްޓާލުމަށް ހަމަޖެއްސި ބިމެއް ކަމަށް އަމީން ވިދާޅުވިއެވެ.
މި ފިޔަވަޅުގެ ސަބަބުން ކުރާނެ ފައިދާއެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައި ވަނީ މާލޭގެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައިވާ، ރެޖިސްޓްރީ ނުކުރާ ވެހިކަލްތަކާއި ޒޯން އޮޅުވާލައިގެން ވެހިކަލްތަކުގެ އިތުރުން ގޯސް ނަންމަބަރު ޕްލޭޓު ހަރުކޮށްފައިވާ ކާރުތައް ބެހެއްޓުމުން އުޅަނދުތަކަށް ގެއްލުން ލިބި ޓޯވ ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވާނެ ކަމަށެވެ.
މި ބިމަކީ 40،000 އަކަފުޓޫގެ ބިމެއް ކަމަށްވާއިރު، މި ބިމުގައި 200 ވަރަކަށް ކާރު ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދު ބެހެއްޓޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.



