މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ރެވެނިއު އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ ކަމަކީ ދައުލަތުގެ ރެވެނިއު އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ ރެވެނިއު އިތުރުކުރެވޭނެ ގޮތްތަކުގެ ތެރޭގައި ފޮރިން ކަރަންސީ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ހޯދުން ސައީދުވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއީ ނިމިދިޔަ އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމެއް ސައީދު ވިދާޅުވިއެވެ.
އޭގެއިތުރުން ދެވަނަ ކަމަކަށް ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދައުލަތުގެ ހަރަދުތައް ނެޝަނަލައިޒް ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން 2021 އިން 2013 އަށް އޭރުގައ އޮތް ސަރުކާރަށް އައިއެމްއެފުން ވަރަށް ބޮޑަށް ބާރު އަޅަމުންދިޔަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެކަން ކުރުމަށް އެތައް ސިޓީއެއް ސަރުކާރުގެ ތެރޭގައި މުއާމަލާތެއް ކޮށްފައި ހުރި ކަމަށެވެ.
“ތިން އަހަރު ވެސް ދިޔައީ އެ ވާހަކަ ދައްކަމުން. ދިޔައިރު ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޭއްވުމަށް ނިންމައި ބަޖެޓްގައި ހިމަނައި އެތައް މިލިއަނެއް ހަރަދުކުރީ އަދި ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރުމަށް ވެސް ބަޖެޓްގައި ޖަހައި އެތައް ކަމެއް ކުރަމުން ގެންދިޔައީ.” ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ މި ސަރުކާރުން ގެންދަނީ އެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، ޕެންޝަނާއި ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.



