ރައީސް ޑރ. މުހައްމަދު މުއިއްޒު އަދު ތަސްދީގުކުރެއްވި ފޮރިން އިންވެސްޓްމަންޓްގެ އާ ބިލާ އެކު، ޒަމާނީ ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ވެސް ފުރުސަތުތައް ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހަދައި ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކެއް އިންވެސްޓަރުންނަށް ހޯދައިދިނުން ކަމަށެވެ.
މިހާރު އޮތް ފޮރިން އިންވެސްޓްމެންޓް ގާނޫނަށް 45 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާ، ސައީދު ވިދާޅުވީ އެއީ ވަރަށް ކުރިން ހަދާފައި އޮތް ގާނޫނަކަށް ވުމުން މި ޒަމާނަށް ވަރަށް ބޮޑަށް ނުފެތޭ ކަމަށެވެ. އެހެންނަމަވެސް ފޮރިން އިންވެސްޓްމަންޓްގެ އާ ބިލާ އެކު، ޒަމާނީ ބަދަލުތަކެއް ގެނެސް، އިގުތިސާދު ކުރިއެރުވުމަށް ފުރުސަތުތައް ފަހިވާނެކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ބޮޑެތި ރީފޯމްގެ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތުގެ ތެރެއިން ވިޔަފާރި ފުޅާކުރުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.



