ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު އެ ކުންފުނީގެ “ހޮބާ” ޚިދުމަތް ލިބިގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ ޢިމާރާތްތަކާއި، ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ މަސައްކަތް ވަނީ ވެމްކޯއާއި ޙަވާލުކޮށްފައެވެ.
ވެމްކޯގެ “ހޮބާ” ޚިދުމަތަކީ އިމާރާތްތައް ފޮޅާ ސާފުކުރުމަށް އެ ކުންފުނިން ފޯރުކޮށްދޭ ޚާއްޞަ ޚިދުމަތެކެވެ. މި އެއްބަސްވުމާއެކު، ސްޓެލްކޯގެ އިމާރާތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލެވެ.



