އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖުކުރާ ސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިރޭ އެކްސްގައި ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމާއި، ރާއްޖޭގައި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، މި މަސައްކަތް ހަލުވިކަމާއެކު މިހާރު ކުރިއަށް އެބަދެއެވެ. އަދި މިހާރު ސައިޓުގައި ޢަމަލީގޮތުން މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އީވީ ބޭނުންކުރާ ފަރާތްތަކަށް ސާފު ހަކަތައަށް ފަސޭހަކަމާއެކު ވާޞިލުވެވޭނެ ގޮތް ހަދައިދިނުމުގެ ގޮތުން، މި ޗާޖިންގ ސްޓޭޝަނުން ޤައުމު ތިމާވެށްޓާ ރައްޓެހި ހައްލުތަކަކަށް ބަދަލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ، ސްޓެލްކޯއިން މި މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ގަދައަޅައި މަސައްކަތްކުރަމުންދަނީ، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މުސްތަޤްބަލަކަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.



