އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އިއްޔެ އިންތިހާބުވެވަޑައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ލީޑަރޝިޕްގެ ދަށުން އެޕާޓީއަށް ކުރިއެރުމާއި ކާމިޔާބުތައް ހޯދޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި އެޕާޓީއަށް ކާމިޔާބީތައް ހޯދޭނެ ކަމާމެދު ސައްކުނުކުރާ ކަމަށެވެ..
މަރުހަބާ ވިދާޅުވެ އިމްތިޔާޒު ފަހުމީ ކުރެއްވި ޓުވީޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އަބަދުވެސް ތިބޭނީ އެއްކޮށް ކަމަށާއި ޕާޓީ ދާނީ އެކީ އެކަށް ކުރިއަށް ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތުން އެނގޭ އެއްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ..
އަދި ވާދަވެރި ކެންޑިޑޭޓުކަމުގައިވިއަސް އިންތިހާބަށްފަހުގައި ތިބޭނީ އެއްކޮށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒަށް މަރުހަބާ ވިދާޅުވެ އިންތި ކުރެއްވި ޓުވީޓުގައި މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއް ނުވެ އަބަދުވެސް ދެމި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. .