ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް 1000 ޑޮލަރު ދޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދޮގުކޮށްފިއެވެ.
އެގޮތުން މިއަދު ނެރުނު ބަޔާނެއްގައި އެންސްޕާއިން ބުނީ އެއްވެސް އިރެއްގައި ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް 1000 ޑޮލަރު ދީފައި ނުވާނެ ކަމަށެވެ.
އެންސްޕާއިން މި ބަޔާން ނެރުނީ ކުރީގެ ސަރުކާރުގައި ކެންސަރުގެ ފަރުވާއަށް އިންޑިއާއަށް ދާ މީހުންނަށް އެހީތެރިޔާގެ ޓިކެޓުގެ އިތުރުން 1000 ޑޮލަރު ދޭ ކަމަށާއި، މިހާރުގެ ސަރުކާރުން އެ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.
މި ވާހަކަތަކާއި ގުޅިގެން އެންސްޕާގެ އިސްވެރިންނާއި ކަމާބެހޭ ކޮމިޓީއާއެކު ޓުވިޓް ކުރި ފަރާތާއި ބައްދަލުކުރުމުން އެ އެޖެންސީން އެ ފަރާތަށް 9 ފަހަރެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ފަރާތުން އެއްބަސްވިކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެންސްޕާގެ ރެކޯޑުތަކާއި ސިސްޓަމުން ދައްކާ ގޮތުގައި ކޮންމެ ފަހަރަކުވެސް އެހީތެރިޔާގެ ޓިކެޓަށްވާ ފައިސާގެ އިތުރުން 200 އާއި 250 ޑޮލަރާ ދެމެދުގެ އަދަދެއް އެހީގެ ގޮތުގައި ދީފައިވެއެވެ. އަދި އެންސްޕާއިން ވަނީ އެ ނުވަ ފަހަރު އެހީ ދިންގޮތްވެސް ބަޔާނުގައި ތަފްސީލްކޮށްދީފައެވެ.
1000 ޑޮލަރު ދިން ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ފަރާތުން ބުނެފައިވަނީ ކޭސް އަވަސްކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވި އިސް ބޭފުޅުންނާ ގުޅައި ވާހަކަދެއްކި ކަމަށާއި، އޭގެ ފަހުން ޒުވާނަކު ގުޅާފައި އަންނަން ބުނުމުން ގޮސް އޭ-ފޯ ސައިޒުގެ ކަރުދާހެއްގައި 1000 ޑޮލަރު ހަވާލުކުރި ކަމަށެވެ.
ނަމަވެސް އެންސްޕާއިން ބުނީ މި ކަން ހިނގި ކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި މިފަދަ މުޢާމަލާތެއް ހިނގާފައިވާނަމަ، އެއީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ހިނގާފައިވާ ކަމެއް ކަމަށްވެސް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.