މޯލްޑިވްސް އިމިގްރޭޝަނުން މިއަހަރުގެ ކުރީކޮޅު ތަޢާރަފުކުރި “އިމިގްރޭޝަން ވޮޗް” އޮންލައިން ޕްލެޓްފޯމަށް ބިދޭސީންނާ ގުޅުންހުރި 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ޖުމްލަ 1،017 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރުމާ ގުޅޭ މައްސަލަތައް ކަމަށާއި، އެފަދަ 239 މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުުނެފައެވެ.
މީގެ އިތުރުން، ޕްލެޓްފޯމް މެދުވެރިކޮށް އެހެނިހެން ޚިލާފުވުންތަކާ ގުޅޭ މައްސަލަތަކެއްވެސް ހުށަހެޅިފައިވާކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 65 ޖިންސީ ވިޔަފާރީގެ މައްސަލަ، 41 މަސައްކަތުން ފިލައިގެން އުޅޭ މައްސަލަ، އަދި 14 ޓޫރިސްޓް ވިސާ ގަވާއިދާ ޚިލާފުވުމުގެ މައްސަލައެވެ. އަދި 12 މައްސަލައަކީ ވަޒީފާދޭ ފަރާތުގެ ސްޕޮންސަރޝިޕް އަދި ވިސާ ބޭނުންކުރުމުގައި ގަވާއިދާ ޚިލާފުވުމުގެ މައްސަލަތައް ކަމަށް އެ އިދާރާއިން ބުނެއެވެ.
ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި 11 ޖިނާއީ މައްސަލަ، 10 މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލަ، އަދި 7 ޓްރެފިކިންގގެ މައްސަލަ ހިމެނޭ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އާންމު ޞިއްޙަތަށް ނުރައްކާވާ ގޮތަށް ތަންތަން ބޭނުންކުރުމާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ބަދަލުކުރުމާ ގުޅޭ 8 އަދި 7 މައްސަލަ ވަނީ ހުށަހެޅިކަމަށްވެސް ބުންޏެވެ.
މިއަހަރުގެ ޖުލައި މަހު ތަޢާރަފުކުރި “އިމިގްރޭޝަން ވޮޗް” އަކީ ގަވާއިދާ ޚިލާފު ބިދޭސީންގެ ޙަރަކާތްތައް ރިޕޯޓުްތައް ރިޕޯޓުކުރުމަށް ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަރަށް މުހިންމު ވަސީލަތެއްކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، ގަވާއިދާ ޚިލާފު ބިދޭސީންގެ ޙަރަކާތްތަކާ ދެކޮޅަށް މާލޭގައި ކުރިއަށްދާ އޮޕަރޭޝަންތަކުގެ އިތުރުން، އާބާދީ ބޮޑެތި ރަށްތަކާއި، ރިސޯޓުތަކާއި، ސިނާޢީ ރަށްތަކާއި، ދަނޑުވެރިކަން ކުރާ ރަށްތަކުގައި ތިބި ބިދޭސީންނާ ގުޅޭ މަޢުލޫމާތު އެއްކުރަމުންދާ ކަމަށެވެ.
ގަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، މި އިނީޝިއޭޓިވްއަކީ ޤައުމުގެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅުކަމުގައި ބެލެވެއެވެ.