ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، މަސްވެރިންނަށް ވަރަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި “އެސްޓީއޯ ރޭޓް” ގައި ތެޔޮ ވިއްކަން ފަށައިފިއެވެ.
އިއްޔެ ފާހަގަކުރި ގައުމީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވި ގޮތުގެ މަތިން، މި ޚިދުމަތް މިހާރު ލިބެން ފަށާފައިވަނީ ހުޅުމާލޭ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި އައްޑޫ ހުޅުމީދޫގައެވެ. މި ޚިދުމަތް ލިބިގަނެވޭނީ ފިޝަރީޒް މިނިސްޓްރީގެ “ފަހި ހަކަތަ” ޕޯޓަލް މެދުވެރިކޮށެވެ.
އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ޤާއިމުކޮށް، “އެސްޓީއޯ ރޭޓް” ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.
މީގެ ސަބަބުން، ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށަކުން މި ޚިދުމަތް ލިބޭނެ ކަމަށް ބެލެވެއެވެ.