ބައިނަލްއަޤުވާމީ ޕަބްލިކް ސާވިސް ދުވަހުގެ މުނާސަބަތުގައި، މުޖުތަމައުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ދައުލަތުގެ މުވައްޒަފުންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ރައްކާތެރިކޮށް، ކުރިއެރުވުމަށްޓަކައި ދައުލަތުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަކީ ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި މިފަދަ މުވައްޒަފުންގެ ހިތްވަރާއި ސާބިތުކަމަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ.
ދިވެހި ސަރުކާރުން ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
“ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ދައުލަތުގެ މުއައްސަސާތައް ވަރުގަދަކޮށް، ފުރިހަމަ ގޮތުގައި ޚިދުމަތް ދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މެދުނުކެނޑޭ ޚިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.



