ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އޮންލައިން ނޫސް “އަދަދު” އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަތު އޮތްގޮތުން އެ ވާހަކަތައް އެންމެ ބޮޑަށް ކިޔައިދޭން ޖެހެނީ އެއްވަނަ ދުނިޔޭގެ ގައުމުތަކަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި، ދިވެހިންނަށް އަދަބުދިން ގައުމުތަކަށް ވެސް ރާއްޖޭގެ ހާލަތު މިހާރު އޮތީ ކިހިނެއްތޯ އަންގަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ގައުމުގެ ހާލަތު ކޮންމެ ދުވަހަކު ދިވެހިންނަށް ފެންނަމުންދާ ކަމަށާއި އެހެންކަމުން ރާއްޖޭގެ ވާހަކަތައް މިހާރު އެންމެ އެނގެންޖެހޭ ބަޔަކީ އެއްވަނަ ދުނިޔޭގެ ގައުމުތައް ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެމަނިކުފާނިގެ އޯޑިއަންސަކީ ބޭރުގެ ސަފީރުންނާއި، ސިޔާސީ ކަންކަން ދިރާސާކުރާ ފަރާތްތަކާ، ބޭރުގެ ޖާނަލިސްޓުންނާ މި ހުރިހާ އެންމެން ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި މީހަކު މިހާރުގެ ހާލަތާ ދޭތެރޭގައި، ދެކޭގޮތް ކަންބޮޑުވާ ކަންތައްތައް ނޫނީ ޑިމޮކްރަސީ ކުރުގެޅެމުން ދަނީ ކިހާވަރަކަށްތޯ ބުނެދިނީމަ ރާއްޖޭގެ ކަންކަން ބަލާ ދިރާސާ ކުރާ ފަރާތްތަކުން އެކަންކަން ވެރިފައިކުރާނެ ކަމަށާއި އެހެންވީމަ އެ ސަބަބަށްޓަކައި އެ ވާހަކަތައް އިނގިރޭސި ބަހުން ލިޔުއްވަނީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.