ފަސް މިލިއަން ގަސް އިނދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓޭޓް އިލެކްޓުރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބައިލައްކައަށް ވުރެ ގިނަ ގަސް އިންދައިފިއެވެ.
ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ހާއްސަ ޕްރޮގްރާމެއް ފެއްޓެވީ ޖޫން ފަސް ވަނަ ދުވަހެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކުންނާއި ކުންފުނިތަކާއި ޖަމިއްޔާތަކުންވެސް ދަނީ ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ ‘ފަސް އަހަރުން ފަސް މިލިއަން ގަސް’ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދިފައިވާ ކަަމަށެވެ.