މާލޭގައި ފެންބޮޑުވުން ހައްލުކުރުމަށް އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަންތަކުގެ ތެރެއިން މާފަންނުގައި ހުރި ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އެ ސްޓޭޝަން އަލުން ބޭނުންކުރެވޭ ހާލަތަށް ގެނެވިއްޖެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ފެން ހިންދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މި މައްސަލަ ހައްލުކުރެވުނީއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސްޓޭޝަންގެ ނެޓްވޯކް ޗެކްކޮށް، ސްޓެލްކޯގެ މުވައްޒަފުންގެ އެހީގައި އިލެކްޓްރިކާ ގުޅޭ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިއްސާރަވާ ކޮންމެ ދުވަސްވަރެއްގައިވެސް އެ ސްޓޭޝަންތައް ހުރި ހާލަތު އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އެގޮތުން މާފަންނު ސަހަރާގައި ގާއިމުކޮށްފައިވާ ސްޓޭޝަނާއި އެ ސްޓޭޝަނާ ގުޅާފައިވާ ހޮޅިތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ އެތަނަށް ގެއްލުންވެފައިވަނީ މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ޕަމްޕް ސްޓޭޝަނަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި އެތަން ކޮނެފައިވާތީ، ސިޓީ ކައުންސިލްގެ އިހުމާލުންކަމަށެވެ. އަދި މިކަން ކޮށްފައިވަނީ މިނިސްޓްރީއާ ހިއްސާކުރުމެއް ނެތި، އެއްވެސް މަޝްވަރާއެއްވެސް ކުރުމެއް ނެތިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މޭޔަރު ވަނީ މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވައި، އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގެ ކަރަންޓު ފޮއްޓަށް ކޮންމެވެސް ބަޔަކު ގެއްލުންތަކެއް ދީފައިވާކަމަށްވެސް މޭޔަރު ވިދާޅުވެފައިވެއެވެ.