މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނަކާ ގުޅިގެން، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ޓާސްކްފޯހުގެ މައިގަނޑު މަޤްޞަދަކީ ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ފެންބޮޑުވުމުގެ ޙާލަތްތައް ކޮންޓްރޯލްކުރުމަށް ދުރާލާ ފިޔަވަޅު އެޅުމެވެ. އެގޮތުން، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ކުންފުނީގެ މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
މީގެއިތުރުން، ކުރީގެ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ކުންފުނީގެ މުވައްޒަފުން ތިބޭނީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.