ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓްގެ ސައްޙަކަން އަލުން ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފްލެޓް ލިސްޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށާއި، އަދި އޭސީސީއާއި އެހެނިހެން އިދާރާތަކުން ފާޅުކުރި ކަންބޮޑުވުންތައް ބަލައި، ފުލެޓް ލިސްޓް އަލުން ވެރިފައި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ މުއްޠަލިބު އިތުރަށް ވިދާޅުވީ، 15 ނޮވެމްބަރ 2023 ގައި ގެޒެޓް ކުރެވިފައިވާ ލިސްޓްގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮސެސް ކުރިއަށް ގެންދާނީ 26 ޖޫން 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ދޫކުރާ އުސޫލަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިފިކޭޝަން ޕްރޮސެސްގައި މާލޭގައި 15 އަހަރު ދިރިއުޅެފައިވާކަން ކަށަވަރު ކުރުމަށް ބަލާނީ ވަޒީފާގެ ލިޔުންތަކާއި، ތަޢުލީމީ ލިޔުންތަކާއި، ޕެންޝަނާ ބެހޭ ލިޔުންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގައި “މެދުނުކެނޑި” ދިރިއުޅެފައިވާކަން ބެލުމުގައި، އެއް އަހަރަށްވުރެ ދިގު މެދުކެނޑުމެއް އައިސްފައިވާނަމަ އެއީ މެދުކެނޑުމެއް ކަމުގައި ބަލާނެ ކަމަށާއި، ނަމަވެސް ވަކި ހާލަތްތަކެއްގައި މި މެދުކެނޑުން އިސްތިސްނާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ނިންމުމަކީ ފުލެޓް ދިނުމުގެ ޕްރޮސެސްގެ ހަމަހަމަކަމާއި ހާމަކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.