މަމްސް އެއިޑުން އަހަރީ ރަމަޟާން އެއިޑް ކެމްޕެއިން 2025 ފަށައިފިއެވެ. އެ ޖަމިއްޔާއިން މި އަހަރު ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 300 އަށްވުރެ ގިނަ ނިކަމެތި ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދިނުމެވެ.
މި ކެމްޕެއިންގެ ދަށުން، ކޮންމެ ޢާއިލާއަކަށް 1200 ރުފިޔާގެ އަގުހުރި ކާބޯތަކެތި ހިމެނޭ “ކެއަރ ބާސްކެޓް” އެއް ފޯރުކޮށްދެވޭނެކަމަށް މަމްސް އެއިޑްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް، ފާތުމަތު ޒައިން ޒަރީރު ވަނީ ވިދާޅުވެފައެވެ. ޒައިން އިތުރަށް ވިދާޅުވިގޮތުގައި މި ބާސްކެޓްގައި ރަމަޟާން މަހު އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތި ހިމެނޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކަނޑުމަސް ދަޅު، މެރީ ބިސްކޯދު، ހަނޑޫ، ބްރެޑްކްރަމްބްސް، ކޭކު މިކްސް، ކައްކާ ތެޔޮ، މައިލޯ، ޕާސްތާ، ވެކިއުމް ކުރެވިފައިވާ މަސް، ނޫޑުލްސް، ތަރުކާރީ ދަޅު، އަދި އެހެނިހެން ތަކެއްޗެވެ.
މި ވަގުތު މަމްސް އެއިޑްގެ ކެއަރ ލިސްޓުގައި 260 އަށްވުރެ ގިނަ ޢާއިލާ ހިމެނެއެވެ. މީގެ އިތުރުން ވަގުތީ ލިސްޓުގައި ހިމެނޭ ޢާއިލާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
“މި މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ނުވަތަ ތަކެތީގެ އެހީ ފޯރުކޮށްދެވިދާނެ. މިސާލަކަށް، ވަކި އަދަދެއްގެ ޕެކޭޖު ނުވަތަ ވަކި އައިޓަމްތަކެއް ވަކި އަދަދެއްގެ ޢާއިލާތަކަށް ހަދިޔާކުރެވިދާނެ. ކޮންމެ އަދަދެއްގެ ހަދިޔާއަކަށްވެސް މަރުޙަބާކިޔާނަން.” ޒައިން ވިދާޅުވިއެވެ.
ރަމަޟާން އެހީއަށް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އަހަރީ ކެމްޕެއިންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވިދާނެއެވެ:
7730000562467 (ދިވެހި ރުފިޔާ)
7730000562466 (ޔޫއެސް ޑޮލަރު)
އިތުރު މަޢުލޫމާތު ހޯދުމަށް 7349393 ނުވަތަ 7349394 އަށް ގުޅުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. އަދި މަމްސް އެއިޑްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށްވެސް މަޢުލޫމާތު ހޯދިދާނެއެވެ.
މަމްސް އެއިޑުން ކުރިއަށް އޮތް މަހުގައި “ބެކް ޓު ސްކޫލް 2025” އަދި “ހިޔާވަހި” ކެމްޕެއިން ފަށާނެކަމަށް މައުލޫމާތުދެއެވެ. މި ދެ ކެމްޕެއިންގެ ދަށުން، ކެއަރ ލިސްޓުގައި ހިމެނޭ ކުދިންނަށް މަދަރުސީ ތަޢުލީމަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމާއި، އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި ހިމެނޭ އެންމެ ދަތިކޮށް އުޅޭ ޢާއިލާތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށްގެން ހޮވާލެވޭ ޢާއިލާއަކަށް ގެދޮރު އިމާރާތްކޮށްދިނުމުގެ މަސައްކަތް ކުރެވޭނެއެވެ.
މަމްސް އެއިޑްގެ ރަމަޟާން އެހީ ކެމްޕެއިންގެ ތާރީޚަށް ބަލާއިރު، އެ ޖަމްޢިއްޔާއިން ފާއިތުވި އަހަރުތަކުގައި ވަނީ ގިނަ ޢާއިލާތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2020 ވަނަ އަހަރު ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން 150 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 2021 ވަނަ އަހަރު 157 ކެއަރ ބާސްކެޓް އަދި 1000 އަށްވުރެ ގިނަ އިފްޠާރު ޕެކް ބަހާފައިވެއެވެ. އަދި 2022 ވަނަ އަހަރު 270 ކެއަރ ބާސްކެޓް އަދި 1000 އަށްވުރެ ގިނަ އިފްޠާރު ޕެކް ބަހާފައިވެއެވެ. ހަމައެހެންމެ 2023 ވަނަ އަހަރު 377 ކެއަރ ބާސްކެޓް އަދި 1519 އިފްޠާރު ޕެކް އަދި 2024 ވަނަ އަހަރު 836 ކެއަރ ބާސްކެޓް އަދި 1573 އިފްޠާރު ޕެކް ބަހާފައިވެއެވެ.
މަމްސް އެއިޑުން ވަނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ފަރާތްތަކުން މި މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމަށް އެދިފައެވެ.
މަމްސް އެއިޑްގެ މި މަސައްކަތަކީ ރާއްޖޭގެ ނިކަމެތި ޢާއިލާތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މަސައްކަތެކެވެ. ޚާއްޞަކޮށް ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ދާ ދުވަސްވަރު، މި ފަދަ އެހީތެރިކަމަކީ އެތައް ބަޔަކަށް ލިބޭ ހިތްހަމަޖެހުމެކެވެ.