މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދުމާއި ގުޅޭ ކަންކަން ރެގިއުލޭޓު ކުރާނެ ޤަވާއިދެއް ހެދުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ޤަވާއިދެއް ހެދުމަށް ނިންމާފައިވަނީ އެކިއެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވެފައިވާތީ މިކަން ކަން ގާތުން ބެލުމަށް ކަމަށެވެ. މި ޤަވާއިދުގެ ދަށުން ހުއްދަ ދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލް ހުށައެޅުމުންކަމަށާއި، ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރި ގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށައެޅުމުންކަމަށް ޤަވާއިދުގައި ބަޔާން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އުޞޫލު ހެދުމަށް ހަމަޖެހިފައިވަނީ ދީނީ އެއްބައިވަންތަކަށް ޙިމާޔަތްކުރުމުގެ ޤާނޫގައި ޤަވާއިދުގެ ތެރެއިންނެވެ.