ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވި ފަލަސްތީން އާރާސްތު ކުރުމަށް އެހީވާން އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ފަންޑް ރައިޒިން އިވެންޓަށް އެ ރަށުގެ ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން 126,560ރ. ހަދިޔާކޮށްފިއެވެ.
އެ ރަށުގެ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ހިމަންދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްއިއްޔާތަކާ ގުޅިގެން އިއްޔެ ވަނީ ފަންޑް ރައިޒިން އިވެންޓެއް އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ.
ސްޓެލްކޯއިން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ “ހެލްޕް ގާޒާ- ދިވެހިން ހަނދާނެއް ނުނެތޭ” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން ޖުމްލަ 260,800 (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ) ރުފިޔާ ހޯދާފައިވާ ކަމަށެވެ.
މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ.
މީގެ ކުރިންވެސް ހިމަންދޫއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ރަށު ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުން ވެސް 230،000 ރުފިޔާ ހޯދާފައި ވެއެވެ.
މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުން އަންނަ ނަމޫނާއަށް ފަހުރުވެރިވާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.