ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ އިސްނެގުމުގެ މަތިން “ސާފު ވިލިމާލެ – ރައްކާތެރި ވެށި” ގެ ނަމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު މިއަދު ވިލިމާލެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
މީގެ ކުރިން ވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން “ރޯދަ ސާފު” ގެ ނަމުގައި ހުޅުލެ، މާލެ އަދި ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި މާލެ ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ވެސް މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކަކީ ރަމަޟާން މަހަށް ރަށްތައް ސާފުކޮށް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކެވެ.



