މިއަހަރުގެ ރަމަޟާންމަހު އިތުރުވާނެކަމަށް ލަފާކުރެވޭ ކަރަންޓް ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކް ގަޑިތަކުގައި ކަރަންޓް ބޭނުންކުރި މިންވަރު 114 މެގަވޯޓަށް އަރާފައިވާއިރު، މިއަހަރު އެ މިންވަރު 132 މެގަވޯޓަށް އަރައިގެންދާނެކަމަށް ލަފާކުރެވެއެވެ. މިއީ 17 މެގަވޯޓްގެ އިތުރުވުމެކެވެ.
“އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ,” ފަހުމީ ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި، އެއީ ޓްރާންސްފޯމަރާއި، އިންޖީނާއި އަދި ކޭބަލް މިހާރުވަނީ ސްޓެލްކޯއަށް ލިބިފައެވެ. އަދި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ނިންމައި، ރަމަޟާންމަސް ފެށުމުގެ ކުރިން ޚިދުމަތް ދޭން ފެށޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ އާންމު ރައްޔިތުންނަށް ގޭގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް އޭސީއާއި، ދޮންނަ މެޝިނާއި، އަވަން އަދި އިސްތިރި ފަދަ ކަރަންޓް އާލާތްތައް ބޭނުންކުރާއިރު ސަމާލުވެ، ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.



