މަސްދަޅު ބެހުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންވެސް ބައިވެރިވެއްޖެއެވެ. މި މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ޕޮލްކޯ ޓަވަރު (ސީބްލޮކް) ގައި ސްޓޭޝަންވެފައެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މަސްދަޅު ބެހުމުގައި ދިމާވެފައިވާ ކިއުގެ ތަކުލީފު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޓެލްކޯގެ މުވައްޒަފުންވެސް ވަނީ ސަރުކާރުގެ ޓީމުތަކާއެކު ގުޅިފައެވެ.
“މަސްދަޅުކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމްކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް މިވަނީ މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާއި ގުޅިގެން ބައިވެރިވެފައި،” ހުސެއިން ފަހުމީ ވިދާޅުވިއެވެ.
އަދި މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިއެވެ.



