ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ބެކަޕްގެ ގޮތުގައި ބަހައްޓާ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހިމް ބުރާސްފަތި ދުވަހުގެ ރޭ އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.
ސްޓެލްކޯއިން ހާމަކުރިގޮތުގައި މި ޖަނަރޭޓަރުތަކަކީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް އިތުރުކުރާ ޖަނަރޭޓަރުތަކެކެވެ. މި މަސައްކަތަކީ ޕީކް ސީޒަންގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިނިސްޓަރ ތާރިގު މި މަސައްކަތް ބައްލަވާލެއްވުމަށްފަހު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ސްޓެލްކޯގެ ވެރިންނާއި މުވައްޒަފުން ދައްކަމުންދާ ހީވާގިކަމަށް ޝުކުރު ދަންނަވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ބަހައްޓާ ޖަނަރޭޓަރުތަކަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު މެދުކެނޑުމުގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.



