ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން ބުނިގޮތުގައި، މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ގޮސްފައިވަނީ ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުގެ ސަބަބުންކަމަށެވެ.
ސްޓެލްކޯއިން ދިން ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަމަހުގެ ފުރަތަމަ ދުވަހު އެންމެ މަތީ މިންވަރެއްގައި ކަރަންޓު ބޭނުންކޮށްފައިވަނީ 78 މެގަވޮޓް އެވެ. މިއީ ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި އެވްރެޖްކޮށް ބޭނުންކުރަމުން އައި 100 މެގަވޮޓް އާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.
ރޯދަމަހުގައި ކަރަންޓު ބޭނުންކުރާ މިންވަރަށް އަންނަ ބަދަލުތަކަކީ ކޮންމެ އަހަރަކުވެސް ފާހަގަކުރެވޭ ކަމެކެވެ. މިގޮތުން ރޯދަމަހުގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރަށް ބަދަލު އައުމަކީ އާންމު ކަމެކެވެ.
ނަމަވެސް މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ މޫސުން ގޯސްވެ ވިއްސާރަވުމާއި، ސަރުކާރު އިދާރާތަކާއި ސްކޫލްތައް ބަންދުވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.



